
ދިވެހި ސަރުކާރާއި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހު، މި ހިނގާ މަހުގެ 15ވަނަ ދުވަހުން ފެށިގެން ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ޤައުމުގައި އެއް މަސް ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ ފުރުޞަތު ފަހިކޮށްދީފިއެވެ.
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރެއްވި ގޮތުގައި، ތައިލެންޑުގެ ވިސާ ދޫކުރުމުގެ އުސޫލުތަކަށް ގެނައި މި ބަދަލުތައް ނިމިދިޔަ އޮގަސްޓު މަހުގެ 31ވަނަ ދުވަހު ވަނީ އެ ޤައުމުގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި އާ އުސޫލަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރާތާ ފަނަރަ ދުވަސް ފަހުންކަމަށް ޖުލައި މަހުގެ ތެރޭގައި އެ ޤައުމުން އޮތީ އިއުލާނުކޮށްފައެވެ.
މި ބަދަލު ގެނައުމުގެ ކުރިން، ސްކޭމްތަކާއި އެނޫން ވެސް ބޮޑެތި ކުށްތަކަށް މަގުފަހިވާތީ، ތައިލެންޑުން ވަނީ 93 ޤައުމެއްގެ މީހުންނަށް ވިސާއާ ނުލައި އެތެރެވެވޭ މުއްދަތު 15 ދުވަހަށް ކުޑަކޮށް، ވިސާގެ ކަންކަން ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. ނަމަވެސް، މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑުގެ ޚާރިޖީ ވަޒީރު އަދި ނައިބު ބޮޑުވަޒީރު ސީހާސަކް ފޫވަންގްގެޓްގޭއޯއާ ފޯނުން ގުޅުއްވައި މި މައްސަލައިގައި ވާހަކަފުޅުދައްކަވާފައެވެ. މި މުހިންމު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިންނަށް ދީފައިވާ މުއްދަތު ވަނީ 15 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އިތުރުކޮށްދީފައެވެ.
ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން އާންމުކޮށް ގޮސްއުޅޭ މަންޒިލަކަށް ތައިލެންޑު ވާއިރު، އަލަށް ގެނެވުނު މި ލުއިފަސޭހައިގެ ސަބަބުން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































