ހދ. ކުޅުދުއްފުށީގެ އޮޑިހަރުގެއަކާއި ގުދަނަކަށް ވަދެ، ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި އާލާތްތަކެއް ވަގަށް ނަގައި މުދަލަށް ގެއްލުންދިން މައްސަލައެއް ސާބިތުވެ، އެ ރަށު މީހަކު އެއް އަހަރާއި ދެ މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

އެ ރަށު ވައިޓްހާޑް، މުޙައްމަދު ނަބީލް އަޙްމަދުގެ މައްޗަށް މި ޙުކުމް އިއްވާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ހިންގި ވައްކަމުގެ ހާދިސާއަކާ ގުޅިގެންނެވެ. އޭނާ ވަނީ ހުއްދަ ނެތި “ޑިސްކަވަރީ” ދޯނީގެ އޮޑިހަރުގެއަށާއި “އެތުމާ ހިތްތަލަ” ނަމަކަށް ކިޔާ ގުދަނަށް ވަދެފައެވެ. އަދި އެ ތަންތަނުން ޗެއިން ސޯ، ޑްރިލް، ގްރޭންޑަރު، ރެންޗް ސެޓުތައް ފަދަ ގިނަ އާލާތްތަކެއް ވަގަށް ނެގުމުގެ އިތުރުން، އޭގެ ތެރެއިން ބައެއް ޗެއިން ސޯތައް މޫދަށް އެއްލާލައި ގެއްލުންދީފައިވާކަން ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.

ދައުލަތުން އުފުލި ވައްކަމުގެ ދެ ދަޢުވާއާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދަޢުވާގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ދަޢުވާއަށް ނަބީލް ވަނީ ކޯޓުގައި އިޢުތިރާފުވެފައެވެ. މައްސަލަ ބެއްލެވި އިސް މެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލް ނިންމެވީ، ވައްކަމުގެ މައިގަނޑު ދަޢުވާއަށް 7 މަހާއި 25 ދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅުއްވުމަށެވެ. އެއީ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 53 ދުވަސް ކެނޑުމަށް ފަހު އައި އަދަބެކެވެ. މީގެ އިތުރުން، ސާބިތުވި އަނެއް ހަތަރު ދަޢުވާއަށް، ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަދަބު ކުޑަކުރުމުގެ އުސޫލުގެ ދަށުން، އިތުރު 6 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.

ޖަލު ޙުކުމުގެ ބަދަލުގައި ގޭބަންދަށް ބަދަލުކޮށްދިނުމަށް ނަބީލްގެ ފަރާތުން އެދުނު ނަމަވެސް، ކޯޓުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މެޖިސްޓްރޭޓް ނިންމެވީ އެއް ޙާދިސާއެއްގެ ތެރެއިން ގިނަ ކުށްތަކަކަށް އޭނާ އަރައިގަނެފައިވާތީ، ޙުކުމުގެ ބާވަތް ލުއިކޮށްދެވެން ނެތް ކަމަށެވެ.

Leave a Reply