
ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީން އެކަމާ ގުޅޭ އެއްބަސްވުންތަކެއް އެމްޓީސީސީއާއެކު ވަނީ ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑީސީޕީ (ރިޓަޔާޑް)އަހްމަދު ސައުދީއެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ހަމީދުއެވެ.
އެ އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދޫގެ އިތުރުން ބ. ކިހާދޫއެވެ.
އެ އެއްބަސްވުންތަކުގެ ދަށުން.
- ބަނޑިދޫގައި ބަނދަރު ފުންކޮށް ޖެޓީ ތަރައްގީކުރާނެ. އެއީ 210ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- މުރައިދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް 139މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ
- ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 360ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަވާލުކޮށްފައި
- ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއު 600ދުވަސް ތެރޭ ނިންމަން ހަވާލުކުރި
އެ އެއްބަސްވުންތަކުގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާުޢު އަދި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































