މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުސްވެފައިވާ މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ޢައްޔަނުކުރުމަށް، އެ ޕާޓީގެ ޤައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްފިއެވެ.

ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މި ނިންމުމަށް ތާއީދުލިބުނީ، ޤައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން ޕާޓީގައި ދެ ޑެޕިއުޓީ ޗެއާޕާސަނުން ތިއްބަވާއިރު، އެއީ އިދާރީ ކަންކަން ބަލަހައްޓަވާ ބޭފުޅަކާއި މާލީ ދާއިރާއާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅެކެވެ.

މި މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުالله މިދިޔަ ބުދަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުالله ޝާހިދުގެ ކެމްޕޭންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމަށެވެ. އަޙްމަދު ޢަބްދުالله ވިދާޅުވެފައި ވަނީ، ޕާޓީގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ހުރިހާ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް ޢަމަލުކުރަންޖެހޭ ބަޔަކަށް ވުމާ އެކު، މަޤާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދައިދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ.

މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް ޝިފާޒަކީ ރައީސް ނަޝީދާ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ ކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝިފާޒް ވަނީ، 2023ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީ ދޫކުރައްވައި ‘ދަ ޑިމޮކްރެޓްސް’ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ. ނަމަވެސް، ޑިމޮކްރެޓްސްގެ ނައިބު ރައީސްކަން ކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 12ވަނަ ދުވަހު އޭނާ ވަނީ އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޝިފާޒް އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުންނެވިއިރު، ޕާޓީގެ ރައީސްގެ މަޤާމު ފުރުއްވީ ރައީސް ނަޝީދެވެ.

Leave a Reply