ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގައި ހިމެނޭ 49 މަޤާމަކަށް ވާދަކުރުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ އިސް ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށް އޮންނަ އިންތިޚާބުގައި، އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކުރާ މި މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކާއި، މަޖިލީހުގެ އާންމު މެންބަރުންގެ ގޮތުގައި 18 ބޭފުޅަކު ހޮވާނެ ކަމަށެވެ. މީގެ އިތުރުން ޒުވާނުންނަށް ޚާއްޞަކޮށްގެން 7 ގޮނޑިއެއް އަދި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން 10 ގޮނޑިއަކަށް މެންބަރުން އިންތިޚާބުކުރެވޭނެއެވެ.

މި އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން އެޕްލިކޭޝަނާ އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތާއި، ފަހުގެ ފޮޓޯއެއްގެ އިތުރުން ފުލުހުންނާއި ކޯޓުތަކުގެ ކުށުގެ ރެކޯޑު ހުށަހަޅަން ޖެހެއެވެ. މި ރެކޯޑުތަކަކީ ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ލިޔުންތަކަކަށް ވާންޖެހޭނެކަމަށާއި، މުއްދަތު ހަމަވެފައިވާނަމަ އަލުން އާކުރަންޖެހޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސަމާލުކަމާ އެކު، ކޮންގްރެސްއަށް ތައްޔާރުވުމުގެ ކަންކަން މުޅި ޕާޓީގެ އެކި ގުނަވަންތަކާއި ސްޓިއަރިންގ ކޮމިޓީތަކުން ދަނީ ވަރަށް ފޯރީގައި ކުރިއަށް ގެންދަމުންނެވެ.

މަޤާމުގެ ހައިސިއްޔަތުން ކޮންގްރެސްގައި ބައިވެރިވެވޭ ފަރާތްތަކުގެ އިތުރުން، އެހެނިހެން މެންބަރުންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވޭނެއެވެ. އަދި އާންމު މެންބަރުންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ޕީއެންސީން ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Leave a Reply