މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއި އެކު މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށްޖަހާ މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށްހުށަހަޅާފައިވާ އިސްލާހުތައް ރައީސް މުއިއްޒު ވަނީ މިއަދު ތަސްދީގު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެ ގަނޫނުތަކުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރަނެ ކަމަށާ އިގްތިސޯދީ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފިޝިން އާއި އެކަހަލަ އެކި ކަންކަމަށް ބަނދަރުތައް ހެދުމާ މިކަންކަމަށް މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ރައީސް ފާހގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ މަސްވެރިކަން އޮތީ އަނދަވަޅެއްގައި ކަމަށެވެ. އެހެންނަމަވެސް މި އިސްލާހުތަކުގެ ސަބަބުން މަސްވެރި ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅުން ނަގާ ކޮޅަށްޖަހާ މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްޕޯޓްސް ފިޝިން ދާއިރާއަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. އަދި އެންމެ ގިނައިން ރައްޔިތުންގެ ފަރާތުން ލިބޭ އެއް ރިކުއެސްޓަކީ ވެސް ސްޕޯޓްސް ފިޝިންގް އަށް ބޮއި އެޅުން ނުވަތަ ވަކި ސަރަހައްދުތަކެއްގައި ބަނދަރުތަކެއް ހެދުން ކަމަށެވެ. މި ގާނޫނުގެ ސަބަބުން މިކަންކަން ކުރުމަށް މަގު ފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. މުނިފޫހިފިލުވުމަށާއި ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެކަމާ ގުޅޭ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަކީ ރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު މުހިންމު ކަމެކެވެ.

Leave a Reply