މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތައް އެއްކޮށް ތަރައްގީ ކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކާ އެކުލަވާލެވިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި 2024 އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު އޮތީ ހަމަޖައްސަވައިފައެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެއެވެ

Leave a Reply