
ބޭރުގެ އެހީއާ އެކު އައްޑޫއާއި ފުވައްމުލަކުގެ ނޭޗާ ޕާކުތައް އިތުރަށް ތަރައްގީކުރަން ތައްޔާރުވެއްޖެއެވެ.
އެ ދެ މަޝްރޫއުއަކީ ޔޫއެންޑީޕީއާއި ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑް ގެ ދީލަތި އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަޝްރޫއުއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗާ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވެސް މިދިޔަ ހަފްތާގައި ނިންމާލައިފައިވާ ކަމަށެވެ.
އެ ތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެ ސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހިއްސާވާ އެކި ބައިވެރިން ވަނީ ބައިވެރިވެފައެވެ.
އެ ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނޭޗާ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ގާއިމުކުރުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވޭކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































