ގދ. މަގުއްދުވާގައި ތަރައްގީކޮށްގެން ހިންގާ ރިސޯޓް، އަޔާޑާ މޯލްޑިވްސް ވިއްކާލަން އުޅޭ ވާހަކަ އެމްޓީޑީސީން ދޮގުކޮށްފިއެވެ.

އެމްޓީޑީސއަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުންދާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް އެމްޓީޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މަގުއްދުވާއަކީ ރިސޯޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއެކު ވެފައިވާ ލީސް އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ހިފާފައިވާ ރަށެއް ކަމަށެވެ.

އަދި މަގުއްދުވާއެކު އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ހދ. ނާގޯށި، ބ. ކިހަވަށްހުރަވަޅިވެސް ހިމެނޭ ގޮތަށް އެއްވެސް ރަށެއް އެެހެން އެއްވެސް ފަރާތަކަށް ވިއްކުމަށް ނުވަތަ ދޫކޮށްލުމަށް ވެސް ނިންމާފައި ނުވާ ކަމަށެވެ.

އެހެން ކަމުން މީޑިއާތަކުން ދައުުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.

އަދި ކުރި މަގުގައި ވެސް އެފަދަ މުއާމަލާތެއް ހިންގާނަމަ ރަސްމީކޮށް އެކަން އަންގާނެ ކަމަށް އެމްޓީޑީސީއިން ބުންޏެވެ.