
ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒުވޭ 2028ވަނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް ހައުސިން މިިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫއާއި ކުނަހަންދޫ ހިމެނޭ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޝާކިރު ވަނީ އެ ކޯޒުވޭގެ މަސައްކަތުގެ އަދާހަމައެއް ދެއްވުމަށް ސުވާލުކުރައްވައިފައެވެ.
އެ ސުވާލުގެ ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ ކުރީގެ ސޮއިކުރި މަޝްރޫއެއް ނަމަވެސް އޭރުގައި ސާވޭއާއި ޑިޒައިނިންގެ މަސައްކަތް ވެސް އެއްވެސް ވަރަކަށް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރި މަަސައްކަތުން އެ ކަންކަން ނިމި މިދިޔަ އަހަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުނުކަން މިިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 20 އޮކްޓޯބަރު 2025ގައި އަމަލީ މަަސައްކަތް ފެށުމުން، 5 މާޗު 2027ގައި މަސައްކަތް ނިމެން ޖެހޭނެއެވެ. މި ވަގުތު މަސައްކަތުގެ ދުވެލި ދާ ގޮތުން ލަސްތަކެއް އުޅުނު ނަމަވެސް 2028ވަނަ އަހަރު އެ ކޯޒުވޭ ބޭނުންކުރެވެން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެދޭހާ، ބޭނުން މި ވާ ސްޕީޑެއްގައެއް ނޫން މި މަޝްރޫއު ކުރިއަށް ދަނީ. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ އިރާދަކުރެއްވިއްޔާ 2028ވަނަ އަހަރުގެ މެދުތެރެއާ ވީ ހިސާބުން މަގު ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފެށޭވަރަށް،” މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫޢު ނިންމުމަށް 81.2 މިލިއަން ރުފިޔާގެ އަގަށް 500 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، ލ. އަތޮޅުގެ ހިތަދޫ، މެންދޫ އަދި ކުނަހަންދޫއާ ގުޅުވައިލާނެއެވެ. އެ ގޮތުން، ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓަކާއި، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓަކާއި، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހެދުމުގެ އިތުރުން 156 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. ހަމައެހެންމެ، މެންދޫ އާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާޓް ސެގްމެންޓަކާއި، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓަކާއި، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހެދުމުގެ އިތުރުން 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން މި ތިން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































