
ހިމަބިހީގެ ވެކްސިންގެ 2ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
ނާޝިޔާ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ނާޝިޔާ ވިދާޅުވީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާތީ އެކަން އެ ގޮތުގައި ދަމަހައްޓައި ބަލީގެ ނުރައްކާ ހާލަތަކަށް ދިއުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްތަކެއް ކުރުމަށް ފަށާފައިވާ ކަމަށެވެ.
ނާޝިޔާ ވިދާޅުވީ ބައްޔަށް ޕޮސިޓިވް ވެފައިވާ މީހެއްގެ ގޭގައި ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް ވެކްސިން ދެެމުންއަންނަ ކަމަށެވެ. އަދި މި ބަލީގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވިތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ”ނާޝިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ނާޝިޔާ ވިދާޅުވީ ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2ޑޯޒު ދީފައިވާ ކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ އެންމެ ރައްކާތެރިގޮތަކީ ހިމަބހީގެ ވެކްސިންގެ 2ޑޯޒު ފުރިހަމަކުރުންކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްޔަކީ 2017ވަނަ އަހަރު ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް މިވޭތުވެދިޔަ 9އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެއެވެ. މި މަހުގެ 13ވަނަ ދުވަހު މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެއެވެ. ޖުމްލަ 9ފަރާތެއް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































