
ލ. ފޮނަދޫ މައި މަގުން ކައްދޫއަށް ދަތުރުކުރަމުންދިޔަ ދެ ސައިކަލެއް މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރު ދުށް ފަރާތްތަކުން “ދެން”އަށް މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ކުރީގައި އޮތް ސައިކަލު ދުއްވި ފިރިހެންމީހާއަށެވެ. އޭނާގެ ބޮލަށް ފުން ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ފޮނަދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުކަމަށް އާންމުން ބުނެފައި ވަނީ، ކުރީގައި އިން ސައިކަލުން ގޯޅިއަޅަން ސިގުނަލް ދިނުމަށްފަހު މަގުމައްޗަށް މަޑުކޮށްލުމުންނެވެ. އެ އުޅަނދު މަޑުކުރީ ކުރިމަތިން އައި އެހެން ވެހިކަލަކަށް ތަންދިނުމުގެ ގޮތުން ކަމަށާއި، އެ ވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުކުރެވި ގޮސް، މަޑުކޮށްގެން އިން ސައިކަލުގެ ފަހަތުން މުޑިއެރީއެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































