
ވ. އަލިމަތާ ކައިރީގައި އޮންނަ ހޮހަޅައެއްގެ ތެރެއަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިޔަކު މަރުވި ހިތާމަވެރި ހާދިސާ ހިނގި ސަރަޙައްދުގެ އެތެރެ ފެންނަ ހާއްސަ ވީޑިއޯއެއް، އިޓަލީގެ ޓީވީ ސްޓޭޝަނަކުން މިރޭ މުޅިން އަލަށް އާންމުކުރުމަށް ނިންމައިފިއެވެ.
އިޓަލީގެ ނޫސްތަކުން މަޢުލޫމާތުދޭ ގޮތުގައި، މިހާތަނަށް އާންމުކޮށްފައިނުވާ މި ހޮހަޅައިގެ އަނދިރި މަންޒަރުތައް ހިމެނޭ ވީޑިއޯ ދުރަށް ފޮނުވާނީ ރާއްޖޭގެ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ. ‘ޓީޖީ1’ ޗެނަލް މެދުވެރިކޮށް މި މަންޒަރުތައް ގެނެސްދޭއިރު، މިއީ ހާދިސާގެ ޝިކާރައަކަށްވި މީހުންގެ ހަށިތައް ނެގުމަށް ‘ޑޭން ޔޫރަޕް ފައުންޑޭޝަން’ ގެ އެހީތެރިކަމާ އެކު ހަރަކާތްތެރިވި ފިންލޭންޑުގެ ހާއްސަ ރެސްކިއު ޑައިވަރުންގެ ޓީމަކުން ރެކޯޑުކޮށްފައިވާ ވީޑިއޯއެކެވެ.
މަރުވި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ފިންލޭންޑުގެ ޑައިވަރު ސާމީ ޕަކަރިނެން ބުނެފައި ވަނީ، އެ މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ކަނޑުގެ 60 މީޓަރު އަޑިން ކަމަށާއި، އެއީ ކުރިން ޗާޓުކުރެވިފައިވާ އަދި އާންމުކޮށް ޑައިވަރުން ގޮސްއުޅޭ ހިސާބެއް ނޫން ކަމަށެވެ. އަދި އެހާ ފުންމިނަށް އެމީހުން ދިޔަކަން ކަށަވަރުވީ އަޑީގެ ވެލިގަނޑުގައި ހުރި ނިޝާންތަކުން ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މިފަދަ ހިތާމަވެރި ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ހޮހަޅަ ފުރިހަމައަށް މެޕުކުރުމުގެ މަސައްކަތަށް އަލުން ރާއްޖެ އަންނާނެކަން ވެސް އޭނާ ހާމަކުރިއެވެ.
މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމުގެ ތަހުގީގުތައް އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް، ޕޯސްޓްމޯޓަމްގެ ފުރަތަމަ ރިޕޯޓުތަކުން އެމީހުން މަރުވާން މެދުވެރިވި ސީދާ ސަބަބު ދެނެގަނެވިފައި ނުވާތީ، އިތުރު ސައިންޓިފިކް ތަހުލީލުތަކުގެ ނަތީޖާއަށް އިންތިޒާރުކުރަމުންދާ ކަމަށް އާއިލާތަކުގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ޖާން ގޮސްފައި ވަނީ “ޑޫކް އޮފް ޔޯކް” ސަފާރީގެ ޑައިވް އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އާއި، ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) ގެ އިތުރުން ރިސާޗަރު މުރިއެލް އޮޑެނީނޯ (31އ) އަދި ފެޑެރީކޯ ގުއަލްޓިއޭރީ (30އ) އެވެ. މި އެންމެންގެ ކަށުކަމާކެމީގެ ކަންތައްތައް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































