
އަޒަރްބައިޖާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ފަހުގެ ތާރީޚެއްގައި ދެ ގައުމުގެ ދޭތެރޭގައި އުފެދިފައިވާ ބަދަހި ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައި، ރައީސް ވަނީ އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއާއި ބޮޑުވަޒީރު އަލީ އަސަދޯވްގެ އިތުރުން މުޅި ދައުލަތަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި އެ ގައުމުން މިނިވަންކަން ހޯދުމަށްފަހު އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން ހޯދާފައިވާ ހަލުވި ކުރިއެރުންތަކަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެ، ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
On the joyous occasion of Azerbaijan’s Independence Day, I wish to extend my heartfelt felicitations to His Excellency President Ilham Heydar oglu Aliyev @presidentaz, His Excellency Prime Minister Ali Hidayat oglu Asadov, the Government, and the people of Azerbaijan. Azerbaijan… pic.twitter.com/BjxSsoXGEq
— Dr Mohamed Muizzu (@MMuizzu) May 28, 2026
މީގެ އިތުރުން، ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރީގެ ރޮނގުންނާއި އާންމު ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ފުޅާކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާމެދު ރައީސް ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބާކޫގައި ބޭއްވުނު ކޮޕް-29 ސަމިޓުގެ ތެރެއިން ވެސް، ދެ ގައުމުގެ އިސްވެރިން ވަނީ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން އަޒަރްބައިޖާނާއި ރާއްޖެއާ ދެމެދު ވަނީ އަމަލީ ގޮތުން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމާއި، އަޒަރްބައިޖާންގެ ގައުމީ އެއާލައިނުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުން ހިމެނެއެވެ. މި ބަދަލުތަކާއެކު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ ކުރިއާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































