އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރެއްވުމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނިންމަވައި، އެކަން ރޭގެ ވަގުތެއްގައި އިޢުލާނުކުރައްވައިފިއެވެ.

މީސްމީޑިއާ މަންސަ “އެކްސް”ގައި ޙިއްސާކުރެއްވި މެސެޖެއްގައި މުންދު ހާމަކުރެއްވި ގޮތުގައި، މި ނިންމެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރިހަމައަށް މަސައްކަތްކޮށްދެއްވުމެވެ. އަދި ޤައުމަށް ކުރިމަތިވި އުނދަގޫ ދަނޑިވަޅުގައި އުފަންވި މި ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ވެސް މެންބަރުންގެ ތާޢީދާ އެކު ނައިބު ރައީސްކަން ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒުގެ ހަރުދަނާ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުންދުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ މި މަޤާމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަން ކުރިން ކުރެއްވި މުންދު، ސަރުކާރުގެ އިސް ތަރުޖަމާނުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އޭނާއަކީ މީގެ ކުރިން 2005އިން 2008އަށް ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވައި، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ، މުވާޞަލާތީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.