ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް މީހަކަށް ބޯހިޔާވަހިކަން ހަމަަޖައްސައިދީފިއެވެ.

މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ހިޔާ އެޗް 8-19-06އެޕާޓްމަންޓްގެ ބަދިގޭގައެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓ އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، އެތަނުގައި މިވަގުތު ދިރިއުޅެން އެކަށީގެންނުވާ ކަމަށެވެ.

އެހެންވެ އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ 5ދިވެެއްސަކަށް 3ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަކިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން މިހާރު ހަމަޖައްސައިދީފައިވާކަމަށް ވެސް ބުންޏެވެ.

އަލިފާނުގައި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.