
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި މައްސަލަ އުޅޭނަމަ އެ ފޯމުތައް އިސްލާހުކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފިއެވެ.
ފޯމްތަކުގައި ފުށުއެރުމެއް ހުރި ނަމަ އެ ފޯމުތައް ހުށަހެޅި ފަރާތްތަކަށް “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އެކަން އަންގަން ހައުސިން މިނިސްޓްރީން ވަނީ ފަށައިފައެވެ. އެއާ އެކު ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތު ކުރިން އޮތީ ދީފައެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ބުނީ ހަތް ދުވަހުގެ މުއްދަތު މިހާރު 21 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމާއި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެއެވެ. އަދި މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެއެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































