
ދިވެހި ސިނަމާގެ ތާރީޚުގައި ވެސް މިހާތަނަށް އުފައްދާ އެންމެ ބޮޑު، އަދި ޓެކްނިކަލީ ގޮތުން އެންމެ ވަރުގަދަ އެއް ޕްރޮޖެކްޓް ކަމަށްވާ، ޙުސައިން ޙާޒިމް (ސޭންޑީ) ޑައިރެކްޓްކޮށް، މަޝްހޫރު ފިލްމީ ތަރި މަރްޔަމް އައްޒަ ޕްރޮޑިއުސްކުރާ އައު ފިލްމު “ދެވި” ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މިއީ ޕްރޮޖެކްޓްގެ ބޮޑުކަމާއި، ބަޖެޓުގެ ސަބަބުން ރާއްޖޭގެ ގިނަ ޕްރޮޑިއުސަރުންތަކަކަށް އަތްލަން ނުކެރުނު، ނަމަވެސް އައްޒަ ޔާރާ ޕްރޮޑަކްޝަނުން ބޮޑު ރިސްކެއް ނަގައިގެން ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދޭ އާދަޔާޚިލާފު އިންގިލާބެކެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ސޭންޑީއަކީ އާ ނަމެއް ނޫނެވެ. އޭނާ ވަނީ ނިކަން ރީތި، ފެންވަރު ރަނގަޅު ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީ، ވިޝުއަލް ސްޓޯރީޓެލިންގ ނުވަތަ މަންޒަރުން ވާހަކަކިޔައިދިނުމުގައި ތަފާތު މޮޅު ހުނަރެއް ސާބިތުކޮށްދީފައެވެ. މިއުޒިކާއި ލަވަތަކުގެ ޒަރީއާއިން ބެލުންތެރިންގެ ހިތްތައް ފަތަޙަކުރުމަށްފަހު، ސޭންޑީގެ މިސްރާބު މިހާރު މިވަނީ ބޮޑު ސްކްރީންގެ ފިލްމީ ޑައިރެކްޝަނަށް އެނބުރިފައެވެ. މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް އަޅާ އެންމެ ބޮޑު، އަދި އެންމެ އުންމީދީ ފިޔަވަޅެވެ. ހަމައެކަނި ގޮނޑީގައި އިނދެ އޯޑަރުކުރާ ޑައިރެކްޓަރެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި، ސޭންޑީ ވަނީ ފިލްމުގެ އުފެއްދުންތެރިކަމުގެ އެންމެ ފުންމިނަށް ވަދެފައެވެ. އެގޮތުން ހުނަރުވެރި ލިޔުންތެރިޔާ ޝަހުދާއާ ގުޅިގެން މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ ތައްޔާރުކޮށްފައިވަނީވެސް ޚުދު ސޭންޑީއެވެ. ކެރެކްޓަރުންގެ މޭކަޕާއި ކޮސްޓިއުމްސް ފަރުމާކުރުމުގައިވެސް އޭނާ އިސްކޮށް ހަރަކާތްތެރިވާއިރު، އެކްޓަރުން ލައްވައި އޭނާ ބޭނުންވާ ސީދާ ޕާފޯމަންސް ނެރުމަށް ސޭންޑީ އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
“ދެވި” އަކީ ކުއްލިއަކަށް އުފަންވި ޚިޔާލެއް ނޫނެވެ. ފިލްމު އުފެއްދުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި ސޭންޑީ ވަނީ ރާއްޖޭގެ ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ގާތަށް ގޮސްފައެވެ. ނަމަވެސް، ފިލްމުގެ ސްކޭލް ބޮޑުކަމާއި، މީގެ ޕްރޮޑަކްޝަންގެ ބިޔަކަމުން، މިއީ އާދައިގެ ބަޖެޓަކުން ފަރުޖައްސާލެވޭނެ ފިލްމަކަށް ނުވުމުން އެއްވެސް މީހަކަށް މި ޕްރޮޖެކްޓުގައި އަތްލާކަށް ނުކެރުނެވެ. މި ބޮޑު ޕްރޮޖެކްޓަށް ފެހި ސިގްނަލް ދިނީ، ޕްރޮޑިއުސަރެއްގެ ގޮތުގައި އަލަށް ނުކުންނަ މަރްޔަމް އައްޒައެވެ. މި ފިލްމަކީ އައްޒަ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށް ވުމުގެ އިތުރުން، ފިލްމުގެ މެއިން ލީޑް ރޯލުން ފެނިގެންދާނީވެސް ހަމަ އޭނާއެވެ. ފިލްމުގެ ނަން އިއުލާނުކުރުމާއެކު ސޯޝަލް މީޑިއާގައި އާންމުންނާއި ފިލްމީ ދާއިރާގެ ފަރާތްތަކުން އަންނަނީ އައްޒައަށް ހޫނު މަރުހަބާއެއް ކިޔައި، އިންތިހާއަށް ބޮޑު ސަޕޯޓެއް ދެމުންނެވެ.
“ދެވި” ވެގެންދާނީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ޓެކްނިކަލީ ގޮތުން ކުރެވޭ އެންމެ ބޮޑު، އަދި އެންމެ ބުރަ މަސައްކަތަށެވެ. ޕްރޮޑަކްޝަން ޓީމުން ބުނާގޮތުގައި ސޭންޑީގެ މި ވަރުގަދަ ވިޝަން ސްކްރީނަށް ގެނެވޭ ގޮތަކީ ޙަޤީޤަތުގައިވެސް ދިވެހި ފިލްމީ ދާއިރާއަށް އަންނާނެ ބޮޑު ޓެކްނިކަލް އިންގިލާބެކެވެ. މި ފިލްމުގެ އެންމެ ޚާއްސަ އަދި އެންމެ ތަފާތު އެއް ކަމަކީ، ފިލްމުގައި ހިމެނޭ ވަރަށް ބޮޑެތި އަދި އެހާމެ ނުރައްކާތެރި މަންޒަރުތައް ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސް.އޯ.ޖީ) ގެ ޚާއްސަ ޓީމަކުން ފިލްމުގެ ކުރޫއާއެކު ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ކަމެވެ. މިކަމުންވެސް މި ފިލްމުގެ އެކްޝަން މަންޒަރުތަކުގެ ސްކޭލް އާއި ވަރުގަދަކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
މިއަދު “ދެވި” ގެ ނަން އިއުލާނުކުރުމާއެކު، ދިވެހި ސިނަމާގެ މިސްރާބު މިވަނީ މުޅިން އައު ދިމާއަކަށް އެނބުރިފައެވެ. ސޭންޑީގެ އާދަޔާޚިލާފު ތަސައްވުރާއި، މަންޒަރުތައް ފަރުމާކުރުމުގައި ބަހައްޓާ ފުން ޝައުޤުވެރިކަމުގެ ސަބަބުން، އައްޒަ ޕްރޮޑިއުސްކޮށް ނެރޭ މި ފިލްމަކީ މިއަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާނެ އެއް އުފެއްދުމެވެ. ޔަގީންވާ ކަމަކީ “ދެވި” ވެގެންދާނީ ދިވެހި ސިނަމާގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ، އަދި ސިނަމާގެ ފެންވަރު މުޅިން އައު ހަރުފަތަކަށް ގެންގޮސްދޭނެ ފަޚުރުވެރި މާސްޓަރޕީސްއަކަށް ވާނެކަމެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































