ދިވެހިރާއްޖޭގެ 61ވަނަ މިނިވަންދުވަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެން އެ ސަރަހައްދުން ނެގުނު އުޅަނދުތައް ބަދަލުކުރެވުނު ޒޯންތައް އާންމުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ޖުމްހޫރީ މައިދާނާއި އެ މައިދާނާ އިންވެގެންހުރި ގޯޅިތަކުގައިވާ އުޅަނދުތައް މާލޭގެ ދެ ސަރަހައްދަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަދަލު ކުރެވިފައިވާ ސަރަހައްދުތައް:

ކިންގް ސަލްމާން މިސްކިތް ކައިރީގައިވާ ޕާކިންގ ޒޯނަށް ބަދަލުކުރެވުނު އުޅަނދުތައް:

  • ބޮޑުތަކުރުފާނުމަގު: ޙުސައިނީ ގޯޅިން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު.
  • އަމީރުއަޙްމަދުމަގު: ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން ރައީސް އޮފީހާ ދެމެދު.
  • ޝަހީދު މުޙައްމަދު ޙުސައިން ގޯޅި: ރައީސް އޮފީހުގެ ހުޅަނގު ފަރާތު ގޯޅި.
  • ޗާންދަނީމަގު: އާކޭޑް ޓްރެފިކް ލައިޓުން ފެށިގެން އަންކަލް ބޮބާއާ ދެމެދު.

ބޮޑުތަކުރުފާނުމަގު ޕޮކެޓް ޕާކިންގ ސަރަހައްދަށް ބަދަލުކުރެވުން އުޅަނދުތައް:

  • ޗާންދަނީމަގު، އަންކަލް ބޮބާއިން ފެށިގެން ސީގަލް ކެފޭއާ ދެމެދު ޕާކުކޮށްފައި ހިއްޓާ ނެގުނު އުޅަނދުތައް މިހާރު ހުންނާނީ ބޮޑުތަކުރުފާނުމަގު، ޓޯވޔާޑް ކުރިމަތީގައިވާ ޕޮކެޓް ޕާކިންގ ސަރަހައްދުގައި.

ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު ފެށިގެން ގޮސްފައި ވަނީ މިއަދު ހެނދުނު  06:00ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދެވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފައެވެ.