
އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ތަޢާރަފުކޮށްފައިވާ “ވިލުންވެށި ގްރާންޓް” އަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މާލީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ދަށުން، މުޖުތަމަޢަށް ފައިދާހުރި، ތިމާވެށި ޙިމާޔަތްކުރުމަށް ބާރުއަޅާ މަޝްރޫޢުތައް ހިންގުމަށްޓަކައި ކޮންމެ ފަރާތަކަށް ވެސް އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި ފައިސާއަށް އެދި ހުށަހެޅުމުގެ އިންތިޒާމު މިހާރު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހަމަޖެހިފައިވާއިރު، ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ދިގު މުއްދަތަކަށް މަންފާކުރަނިވި ކަންކަމަށް ވާންޖެހޭނެކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.
Applications for VilunVeshi Grant now open!
Supporting individuals and sole proprietors with microgrants to bring innovative and impactful projects to life.
Apply via https://t.co/8LWN5M1QZw pic.twitter.com/Ti8KCiv6QD
— SME Digital (@SMEdigital_mv) August 1, 2026
ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މި މަޝްރޫޢު ހިންގަނީ އެސްއެމްއީ ޑިޖިޓަލް އާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެންނެވެ. ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމެއްގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ އީޖާދީ ޙައްލުތައް ހޯދުމަކީ މި ޕްރޮގްރާމްގެ މުހިންމު އެއް އަމާޒެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ފާއިތުވި ޖޫން މަހުގެ 23ވަނަ ދުވަހު ރަސްމީކޮށް ފެށި މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި އާންމު ފަރުދުންނާއި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، “ވިލުންވެށި ގްރާންޓް” އަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































