
ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަގުސަދުގައި ސްޓޭޓް ފާމާސް އިން ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
މި މަސައްކަތުގެ ފެށުމެއްގެ ގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހު މާހިރު އިސްވެ ހުންނަވައި ކުންފުނީގެ އިސްވެރިން ވަނީ ބ. އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ، ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭސް ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އޭގެ އިތުރުން، ކައުންސިލްތައް މެދުވެރިކޮށް ސްޓޭޓް ފާމާސްގެ ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަދެއްވަމުން މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ދަށުން މި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭންގެ މައުލޫމާތު އޭނާ ވަނީ ހިއްސާކުރައްވާފައެވެ.
ޑޮކްޓަރު ދޭ ބޭސް ސިޓީއަށް ބޭސް ނުލިބުމަކީ ރާއްޖޭގައި ޒަމާނުއްސުރެ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގަންޖެހުމާއި، އާސަންދައިގެ ދަށުން ކަވަރުނުކުރާ ބޭސްތައް ގަންނަން އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހުމުގެ މައްސަލައަށް ދާއިމީ ފަރުވާއެއް ހޯދުމަށްޓަކައި ދައުލަތުން ވަކި ހާއްސަ ކުންފުންޏެއް އުފެއްދިއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭސް އެތެރެކުރަން ފެށި ސްޓޭޓް ފާމާސް އިން އަމާޒުހިފާފައި ވަނީ، މިފަދަ ބައްދަލުވުންތަކުގެ ތެރެއިން މުޅި ރާއްޖޭގެ ހާލަތު ވަޒަންކޮށް، ބޭހުގެ ނިޒާމު އެއްކޮށް އިސްލާހުކުރުމަށެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































