މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ވޯލްޑް ބޭންކުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ މިސްޓަރ ގެވޯގް ސަރގްސިޔާންއާ ބައްދަލުކުރައްވައި، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު ރާއްޖޭގައި މިހާރު ކުރިއަށްދާ “ޓްރާންސްފޯމް”ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ޓްރާންސްފޯމް ޕްރޮޖެކްޓްގެ ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެ މަސައްކަތްތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިންވެސްޓްމަންޓްތައް ހޯދުމާއި، މެރިކަލްޗަރގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ މެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމައެހެންމެ، މަސް ރައްކާތެރިކަމާ އެކު ގަނޑުކޮށް ބެހެއްޓުމާއި މެނޭޖުކުރުމުގެ ނިޒާމު (ކޯލްޑް ޗެއިން)އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.

މި މުހިންމު ބައްދަލުވުން ނިންމަވާލައްވަމުން، ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށާއި، ރާއްޖޭގެ އިޤުތިޞާދީ ދުވެލި ދިގު މުއްދަތަކަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވެސް ބޭނުންވާކަން ހާމަކުރައްވައި، އެކަން ކަށަވަރުކޮށްދެއްވާފައެވެ.