
“ރައްޔިތުންގެ ކުންފުނި”ގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން، ކ. ގިރިފުށީގައި ކުރިއަށްގެންދާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތު އާންމުކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ 143،000 ކިއުބިކް މީޓަރުގެ ވެލި މިހާރު ވަނީ ގިރިފުއްޓަށް އަޅާފައެވެ. އަދި މީގެ އިތުރުން، ބިން ހިއްކުމުގެ މަރުޙަލާގައި ސަރަޙައްދު ބަންދުކުރުމަށްޓަކައި ހަދަންޖެހޭ ވެލި ބަންޑް ނުވަތަ ސޭންޑް ބަންޑް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހަލުވިކަމާ އެކު ކުރިއަށެވެ.
Project Update: K. Girifushi Land Reclamation, Shore Protection and Harbor Upgrade Works
Land reclamation has reached 143,000 CBM, while sand bund works are currently ongoing. #MTCCProjects #RayyithungeKunfuni pic.twitter.com/1RhXsPVpYl
— MTCC Plc (@MTCCPlc) August 4, 2026
މި މަޝްރޫއުގެ ދަށުން ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމާއި އެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































