މާލޭ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 5.6 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި، ޖުލައި 23ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން މައުލޫމާތު ދެއްވާ ގޮތުގައި، މާލޭ ވިޔަފާރި ބަނދަރަށް ބޭލި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.11 ކިލޯ (3110 ގްރާމް) ހުއްޓެވެ. ފުރަތަމަ މަރުހަލާގައި ކުރެވުނު ތަހުލީލުތަކުން ދައްކާ ގޮތުގައި މިއީ ނުރައްކާތެރި ބާވަތެއް ކަމަށްވާ ‘ސިންތެޓިކް ކެތިނޯން’އެވެ. އަދި މި މިންވަރުގެ މަސްތުވާތަކެތީގެ އަގު މަގުމަތީ ބާޒާރުގައި 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ވައިގެމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އެގޮތުން، އިންޑިއާއިން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ދެ ފަސިންޖަރެއްގެ އަތުން 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.