މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުށްޓަށް ބަދަލުކޮށް ފުރިހަމަ އޮޕަރޭޝަނަށް އައުމުން މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މާލޭ ޕޯޓުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިލަފުށީގައި ތަރައްގީކުރާ އިންޓަރނޭޝަނަލް ޕޯޓުގައި ޒަމާނީ ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖު އަދި ޑްރައި ގުޑްސް ރައްކާކުރެވޭނެ އެންމެހައި އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

އަދި 2027ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކުރެވި، 2028ވަނަ އަހަރު ނިމޭއިރު މި މަޝްރޫއު ފުރިހަމަވުމުން މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply