
ސްރީލަންކާ އަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އަނެއްކާ ވެސް އުސޫލަށް އިސްލާހު ގެނެސްފިއެވެ.
މިކަން ހާމަކޮށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ނޯޓިސްއެއް ނެރެފައިވެއެވެ. އެ ނޯޓިސްގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ މީހުން މި މަހުގެ 25ވަނަ ދުވަހުން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އީޓީއޭ ނަގަން ޖެހުނު ނަމަވެސް ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި ލިބޭނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެއެވެ. އަދި އީޓީއޭ ހުށަހަޅަން ޖެހޭނީ މި ވެބްސައިޓުން ކަމަށް ވެސް ބުނެފައިވެއެވެ. މި ފޯމު ދަތުރުކުރުމުގެ 24ގަޑިއިރާއި 48ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ފުރިހަމަ ކުރަންޖެހެއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އީޓީއީ ހުށަހަޅަން ޖެހުނު ނަމަވެސް އެ ގައުމުން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.އަދި އެ މިނިސްޓްރީއިން ވަނީ ދިވެހިން އެގައުމަށް ދަތުރުކުރާއިރު އީޓީއޭ ފޯމު ހުށަހެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































