ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ މަރުކަޒުން ފޯރުކޮށްދެމުންދާ ފެންވަރު ރަނގަޅު ޚިދުމަތްތަކުގެ ސަބަބުން ޢަބްދުއްރައްޒާޤު ފާހަގަކުރެއްވި ގޮތުގައި، ކާޑިއޯ ވެސްކިއުލަރ ފަރުވާގެ ފެންވަރު ރާއްޖޭގައި މަތިކުރެވިގެން ދިޔުމަކީ ދިވެހިންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ލުއިފަސޭހައެކެވެ. މިއީ މާލެ ސިޓީ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް މަރުކަޒުކަމަށް ވިދާޅުވަމުން، އޭނާ ވަނީ މިއީ ރައްޔިތުންނަށް ލިބުނު އަގުހުރި ހަދިޔާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މަރުކަޒުގެ އެހީގައި ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ދާއިރާއިން ޤާބިލު ދިވެހި މުވައްޒަފުން އުފެއްދުމުގައި ވެސް ކާޑިއެކް ސެންޓަރުން ދަނީ ފުޅާ ދައުރެއް އަދާކުރަމުންކަން ސީއީއޯގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުޅުވި ކެތުލެބުގެ ކާމިޔާބީތައް ވެސް އޭނާ ޙިއްސާކުރެއްވިއެވެ. އެގޮތުން، އެތަނުގައި މިހާތަނަށް 38 އެންޖިއޯގްރާމާއި 20 އެންޖިއޯޕްލާސްޓީގެ އިތުރުން ކެރޮޓިޑް އާޓަރީ އެންޖިއޯގްރަފީއަކާއި ޕޭސްމޭކަރެއް އަދި އޭއައިސީޑީ އިންޕްލާންޓެއް ވަނީ ކާމިޔާބުކަމާ އެކު ހަރުކޮށްފައެވެ. އަދި އުތުރުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކެތުލެބެއް ޤާއިމުކުރުމުގެ މަޝްވަރާތައް މިހާރު ފެށިފައިވާކަމަށާއި، ޖާގަ ހަމަޖެހުނުހާ އަވަހަކަށް އެތަނުގައި ޢަމަލީ މަސައްކަތް ފެށޭނެކަން އިޢުލާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ނާރާއި، ހިތް އަދި ކެންސަރު ބަލީގެ ފަރުވާތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ޢަބްދުއްރައްޒާޤު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މައްސަލަޖެހި ބޭނުންނުކުރެވި ހުރި ކެތުލެބް މަރާމާތުކޮށް، އަލުން ޚިދުމަތް ދޭން ފެށީ މި ސަރުކާރުގެ ބެލުމުގެ ދަށުންކަން ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply