
ޓޫރިޒަމް ހީނަރު ދުވަސްތަކަށް ފަހު, މި އަހަރުގެ ޖުލައި މަސް ފެށުމާ އެކު ޓޫރިސްޓު ޑެއިލީ އެރައިވަލްސް 5،000 އަށް އިތުރުވެއްޖެއެވެ.
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މިދިޔަ މަހު އެވްރެޖުކޮށް ރާއްޖެއަށް ޒިޔާރަތް ކުރީ ދުވާލަކު 3،000 ޓޫރިސްޓުންނެވެ. ނަމަވެސް އިއްޔެއިން ފެށިގެން މި އަދަދު ވަނީ 5،000 އަށް އިތުރުވެ، އިއްޔެ 5,260 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ މި މަހު އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,075,142 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1,049,927 ޓޫރިސްޓުންނާއި 9,638 ބިޒްނަސް އެރައިވަލްސް މީހުން އަދި ކްރޫޒްލައިނާތަކުން އައި 15,577 ޓޫރިސްޓުންނެވެ.
މިދިޔަ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ޖުމްލަ ގޮތެއްގައި 5.0 % ދަށްވުމެކެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ފެބްރުއަރީ މަހު 17.7 %ގެ ކުރިއެރުމެއް ރެކޯޑުކުރެވިފައިވެއެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ކުރީގައި އުޅެނީ ޗައިނާ އަދި ރަޝިއާއެވެ ޗައިނާއިން 169,798 ޓޫރިސްޓުން އައިސްފައިޗާއިރު އެ ގައުމުގެ މާކެޓު ޝެއާ އުޅެނީ 16.2%ގައެވެ. އަދި ރަޝިއާއިން 150,978 ފަތުރުވެރިން އައިސްފައިވާއިރު, އެ ގައުމުގެ ހިއްސާ ހުރީ 14.4%ގައެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ގިނަ ފަތުރުވެރިން އެތެރެވީ ވައިގެ މަގުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް 97.3 އިންސައްތަ ޓޫރިސްޓުން އެތެރެވިއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން 4,176 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,649 ފަތުރުވެރިން އެތެރެއިފައިވެއެވެ. މީގެ އިތުރުން ކަނޑުގެ މަގުން 15,577 ރާއްޖެ އައިސްފައިވެއެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































