ކައުންސިލްތަކާ އެކު ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އާއި މ. ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފިއެވެ.

ސްޓޭޓްފާމާއިން ބުނީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާ އެކު މިއަދު ބައްދަލުކޮށް، ދިއްގަރުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެ ރަށު ކައުންސިލުން ވަނީ ސްޓޭޓް ފާމާގެ އިސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން، ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ވަނީ، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ވެސް ޙިއްޞާކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ފާމަސީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ދަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ޙާލަތު ގާތުން ބަލައި، ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމެވެ.

Leave a Reply