ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ކާޓަންތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ވީއައިއޭއިން ވަގަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަމުންދާކަން މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ރޭ ހާމަކޮށްފަ އެވެ.

ކަމުގެ ތަފުސީލުތައް ހާމަނުކޮށް ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެ އިދާރާއިން ޗެކްކުރިއިރު ފެނިގެން ކަމަށެވެ.

މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވީއައިއޭގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް އެ އިދާރާއަށް މޯލްޑިވްސް ކަސްޓަމްސްއިން ހުށަހެޅީ ރޭގައި ކަމަށެވެ.

އިއްޔެގެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:

  • މ. ސިލްވަނެސްޓް، އަހްމަދު އަފްސަލް (45އ)
  • ދަފުތަރު. ނަމްބަރު ރސ 14358، ޔޫސުފް ނަޒީރު (38އ)

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމުގަ އެވެ.

ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން އުޅުނީ ފުލުހެއް ކަމަށް ރިޕޯޓުކުރި ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު “ދެން” އަށް ވިދާޅުވީ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށް އަދި މިހާރު ދޫކޮށްލާފައިވާ ދެ މީހުންނަކީ ވެސް ފުލުހުން ހިދުމަތުގައި ވަޒީފާ އަދާކުރާ ދެ އޮފިސަރުން ނޫން ކަމަށެވެ.

ޑަސްބިން ބޭގުތަކުން ފެނުނު ކާޓަންތަކުގެ އަދަދެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *