
ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކޮށް، ޤައުމީ ޒިންމާތައް ހަނދާނަށް ގެނައުމަކީ މި ފަޚުރުވެރި ދުވަހު ކޮންމެ ފަރުދެއްގެވެސް އެންމެ ފުރަތަމަ މަސްއޫލިއްޔަތުކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަލްފާޟިލާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ޤައުމު ބިނާކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ އިޚުލާޞްތެރިކަމާއި ޤައުމީ ލޯބީގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަމެކެވެ. މިއަދުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ދިވެހިން އެހެން ނަސްލުތަކާ ތަފާތުވާ ސަބަބުތަކާމެދު ފުންކޮށް ވިސްނަންޖެހިފައިވާ ކަމަށާއި، މުޖުތަމަޢަށް އަންނަމުންދާ ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރައިލުމަކީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޚާއްޞަ މަސައްކަތްޕުޅުތަކެއް ފެށްޓެވީ ހަމަ މި މުހިންމު މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައިކަން ވެސް ފާހަގަކުރެއްވިއެވެ.
މާޒީން އިބުރަތް ޙާޞިލުކޮށްގެން މުސްތަޤުބަލު އުޖާލާކުރުމަށް ބާރުއަޅުއްވަމުން ހީނާ ވިދާޅުވީ، ޤައުމު ދިފާޢުކުރާނެ ހަރުދަނާ ޒުވާނުންތަކެއް އުފެދިގެންދާނީ ދައުލަތުގެ ޤައުމީ ސިޔާސަތުތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ޤައުމީ އެއްބައިވަންތަކަން އިސްކޮށް، އެކަކު އަނެކަކަށް އޮންނަ އިތުބާރު ވަރުގަދަކޮށް ދެމެހެއްޓުމަށް އެކަމަނާ ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތު ބޮޑުތަކުރުފާނުގެ އުފަންރަށް ކަމަށްވާ އުތީމުގައި ފާހަގަކުރުމަކީ އެ މަތިވެރި ބަޠަލުގެ ޤައުމީ ޚިދުމަތުގެ ހަނދާންތައް އައުކޮށްދޭނެ މުހިންމު ފިޔަވަޅެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، އުތީމު ގަނޑުވަރާއި އެ ތަކުރުފާނުގެ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ މަޝްރޫޢަށްޓަކައި ވަޒީރު ވަނީ ރައީސް މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































