
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރެއްވި މުޙައްމަދު ޝަކީލް ކޮމިޝަނުގެ ރައީސްކަމަށް ހަމަޖެއްސެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ފޮނުއްވައިފިއެވެ.
އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް ބޭފުޅަކު މި އައްޔަންކުރައް ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ރައީސް މުޢިއްޒު ފޮނުއްވި މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިހާރު ވަނީ ފަށާފައެވެ. ކޮމިޓީގެ މަރުހަލާ ނިމުމަށް ފަހު، ޝަކީލަށް އެ މަޤާމު ކަށަވަރުވާނީ ކޮމިޓީން ރުހުންދީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ފާސްވުމުންނެވެ.
ޤާނޫނު ބުނާގޮތުން ކޮމިޝަނަށް ރައީސަކު އައްޔަންކުރެވެން އޮންނަނީ މެންބަރުންގެ ޤާނޫނީ އަދަދު ހަމަވުމަށްފަހުގައެވެ. މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ އެކު، ޝަކީލް އީސީގެ މެންބަރުކަމުގެ މަޤާމަށް ރައީސް އައްޔަންކުރެއްވީ މި ހިނގާ މަހުގެ 24ވަނަ ދުވަހުއެވެ. އޭނާ މެންބަރުކަމަށް އައްޔަންކުރެއްވުމާ އެކު ކޮމިޝަނަށް ބޭނުންވާ ފަސް މެންބަރުން ވަނީ ހަމަވެފައެވެ.
މީގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ޝަކީލަކީ އީސީގެ މަސައްކަތްތަކަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2014ވަނަ އަހަރުގެ ޑިސެމްބަރު މަހަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ޑިސެމްބަރު 2014އިން ފެށިގެން މެއި 2018އާ ހަމައަށް އީސީގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވީ، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދުގެ އިތުރުން މެންބަރުން ކަމަށްވާ، ޙަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަދި އަލަށް އައްޔަންކުރެއްވި މުޙައްމަދު ޝަކީލެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































