
ްިއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގެ ދަރިކަލުން އަބްދުالله މާހިލް ޝަހީމް ވޭޕް ސާމާނު އެތެރެކުރިކަމަށް ބުނާ ވާހަކަ މިނިސްޓަރު ދޮގުކުރައްވައިފި އެވެ.
މާހިލް ރާއްޖެ އައުމުން ކަސްޓަމްސްއިން ޗެކުކުރި އިރު ވޭޕްއަ ގުޅޭ ތަކެތި ފެނުނުކަމަށް ބުނެ ރާއްޖޭގެ ނޫހަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ ވޭޕްގެ ތަަކެތި މާހިލްގެ ހަށިގަނޑުގައި ބަނދެފައާއި ލަގެޖުން ވެސް އެ ތަކެތި ފެނުނު ކަމަށް ވެސް އެ ނޫހުން ރިޕޯޓުކުރި އެވެ.
ނަމަވެސް މިނިސްޓަރު ޝަހީމް އެކްސްގައި މިއަދު ވިދާޅުވީ ގައިގައި ވޭޕްގެ ސާމަނު ބަނދެގެން އެތެރެކުރިކަަމަށް ބުނެ ހަގީގަތާ ހިލާފަށް ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
Gayga badhegen vape saamaanu etherekuri kamah bune Hageegathaa khilaafa vaahakathah fethurumaki varah dhera kameh. Adhi Mahil aki Malaysia ge Embussy ga vazeefa eh ga hunna meeheh noon. Khabaru thah rangalhu kurun edhen. https://t.co/CXXz7ElVw6
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 15, 2025
މާހިލްއަކީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވަޒީފާ އަދާކުރާ މީހެއްކަމަށް ބުނެ އެ ނޫހުން ޝާއިއުކުރި ވާހަކަވެސް މިނިސްޓަރު ދޮގުކުރެއްވި އެވެ.
“ހަބަރުތައް ރަނގަޅުކުރުން އެދެން” ޝަހީމް އެކްސްގައި އިތުރަށް ވިދާޅުވި އެވެ.
ޝަހީމްގެ ދަރިފުޅު ވޭޕް އެތެރެކުރިކަމަށް ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ކަސްޓަމްސްއިން މިހާތަނަށް ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































