މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ޑިޖިޓަލް ސްޓެރެޓެޖީ ދާއޫދު އަހްމަދު ޒިލާލް ގުޅައި މެސެޖުކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގަށް ދިން ބަޔާނުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށް އެ މައްސަލަ ބަލަން އުފެއްދި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

ދާއޫދަކީ ފެންޓެނޯއީއިން ޔުމްނު ވެއްޓުނު ރޭ އޭނާ އާއެކުގައި އެންމެފަހުން އުޅުނު ރައުދު އަހްމަދު ޒިލާލުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި، ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އަމާޒުކުރި ތުހުމަތުތަކާ އެކު ރައީސް އޮފީހުގައި އޭނާ ހުރި މަގާމުން ސަސްޕެންޑް ކޮށްފައި ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލު މަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް އެޕްރީލު މަހުގެ 27 ވަނަ ދުވަހު އުފައްދަވާފަ އެވެ. އެ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފަ އެވެ.

ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ، ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށް: ކޮމިޝަން

ކޮމިޝަނަށް ދާއޫދު ދިން ބަޔާނުގައި ބުނީ ރައުދު އާ ދިމާވީ އެޕްރީލު 18 ވީ ހުކުރު ދުވަހުގެ ފަތިހު 5:30 އާއި 6:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ރައުދު ގެއަށް ގެނައި މީހަކު ނޭނގޭ ކަމަށާއި އެ މީހަކު އޭނާ ގެއަށް ބާލާފައި ދިޔައީ ކަމަށެވެ.

ރައުދު ފެނުނުއިރު އޭނާ ހުރީ “ޑިސްއޮރިއެންޓަޑް” ކޮށް ކަަމަށާއި އެ ވަގުތު އޭނާ ދައްކާ ވާހަކަ ހަނދާން ނެތޭ ކަމަށާއި ހުރީ މަސްތުގެ ހާލަތުގައިކަން ފާހަގަކުރެވުނު ކަމަށް ދާއޫދު ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

“… މއ. މާންދޫގޭދެކުނުގޭގައި އެއްވުމެއް އޮތްކަން އެނގޭތީ، އެ ތަނުގައި ތިބި މީހުންނަށް ފޯނުން ގުޅޭތޯ ބަލާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހްމަދު ބުނެފައިވެ އެވެ.” ރިޕޯޓުގައިވެ އެވެ.

ދާއޫދު އިހްސާނަށް ގުޅައި މެސެޖުކުރި

ދާއޫދު އެހެން ބުނެފައި ވިނަމަވެސް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވަނީ އެޕްރީލު 18 ވަނަ ދުވަހުގެ މެންދުރުފަހު ދާއޫދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ދާއޫދަކީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

“… ދާއޫދު އަހްމަދު ގުޅުމުން 1 މިނިޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި، އެ ފޯނަށް ޖަވާބުދީ އައިޑީ ކާޑު ނަމްބަރު ފޮނުވައި ފޮނުވައި ދިނުމަށް ވިދާޅުވެފައިވާނެ ކަމަށާއި އާންމު އުސޫލުން ވެސް ކޮންމެ މީހަކު ގުޅި ނަމަވެސް އައިޑީ ކާޑު ނަމްބަރު ފޮނުވައިިދިނުމަށް އެދޭ ކަމަށާއި، އެ ކޯލުގައި ހަނދާންވާ ގޮތުން ދާއޫދު އަހްމަދު ބުނެފައި ވަނީ ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި މިހެން ކަމަށާއި، މައްސަލައިގެ ވަކި ތަފުސީލެއް ނުދީ ދާއޫދު އަހްމަދު އެހެން ބުނުމުން ބަލައިލާނެ ކަމަށް ވިދާޅުވެފައިވާނެ،” އިހްސާން ދެއްވި ބަޔާނުގައި ވިދާޅުވި ކަަމަށް ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތަށް ފަހު ވެސް ދާއޫދު ގުޅި ކަމަށާ އަދި މެސެޖުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ކޮމިޝަނުން ބުނީ ދާއޫދު މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދީފައިވާ ބަޔާނާއި އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާ އެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Leave a Reply