
ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އަޑީގައި އޮތް ހަގީގީ މަގުސަދަކީ މަގުމައްޗަށް މީހުން ނެރެ މުޒާހަރާކުރުން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅުން މިފަދަ ވާހަކަތައް ފެތުރުމުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ނުރައްކާވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ސައީދު މިހެން ވިދާޅުވެފައި މިވަނީ، “ދަތިވެއްޖެ” މި ނަމުގައި މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މާދަމާ ރޭ މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސައީދު ބަޔާންކުރެއްވީ، މިއަދު އޮތީ އެ ދުވަހުގެ ހާލަތު ނޫން ކަމަށެވެ. އަދި ބޭސްފަރުވާއަށާއި، ކިޔަވާ ކުދިންނަށް އަދި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު، ތާރީހުގައި ވެސް ނުދޫކުރާ މިންވަރަށް މަރުކަޒީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށް މިހާރު ދޫކުރަމުންދާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. ކަޅު ބާޒާރު އުފެދެނީ ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ނުވައްދައި ބޭރުން ވިއްކާތީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިޞާދަށް ގެއްލުންލިބޭނެ ވާހަކަތައް ޚަޤީޤަތް އޮޅޭގޮތަށް ދެއްކުމަކީ އެއްވެސް ބޭފުޅަކަށް އޭގެ ފައިދާއެއް ވާނެކަމެއްނޫން. pic.twitter.com/XooZfR12tw
— Mohamed Saeed (@em_saeed) August 12, 2026
ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ގޮވާލެއްވި ގޮވާލެއްވުމަށް ރައްދުދެއްވަމުން މިނިސްޓަރު ވަނީ ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަން ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، އެ ދުވަސްވަރު ޑޮލަރު ހޯދުމަށް އެމްއެމްއޭއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް ދިގު ކިއުތައް ހެދިކަމަށާއި، ތަކެތީގެ އަގުބޮޑުވާ ވާހަކަ މިއަދު ދައްކަވާއިރު ގައުމުގެ މައި އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލީ ވެސް ހަމަ އެ ވެރިކަމުގައިކަން ސައީދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޮޑެތި ލޯނުތައް އަދާކުރަމުންދާ މި ނާޒުކު ވަގުތުގައި އިގުތިސާދަށް ގެއްލުންވާފަދަ ވާހަކަތައް ނުފެތުރުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ. ދާދިފަހުން ވެސް އޭނާ ވަނީ، ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރާފައިވާކަމަށް ލިޔުމަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ކަޅު ބާޒާރުގެ އަގުތައް އުފުލުމަށް މަގުފަހިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއް ލިބެންހުރީ 22 ރުފިޔާއިން މަތީގައެވެ. މީގެ ސަބަބުން އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އަންނަނީ ކަންބޮޑުވާ މިންވަރަކަށް އުފުލެމުންނެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































