ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދަރިކަލަކަށް ތުހުމަތުކޮށް ދެއްކި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާ ދެކޮޅަށް ދައުވާ ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ފަރާތުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސްގެ އާއިލާގެ ފަރާތުން ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވަނީ އެ މައްސަލައިގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާ އަދި އެ ޕާޓީގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

އާޒިމާގެ ލޯފާމް، ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރިކަލުންނާ ގުޅޭގޮތުން މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާ ހާލަތެއް މެދުވެރިކުރުވައި، ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި އާޒިމާ ވަނީ ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީގެ ބަޔާނެއް އިއްވާފަ އެވެ.

އެ ބަޔާނުގައި ދަރިކަލުން ވޭޕް ބޭނުންކުރާ ކަމަށް ފަތުރަމުންދާ ވާހަކަ ދޮގުކޮށް ސާޖިދާ ވިދާޅުވެފައި ވަނީ ދަރިކަލުންނަކީ އެއްވެސް އިރަކު ދުންފަތުގެ އިސްތިއުމާލުކުރި ކުއްޖެއް ނޫން ކަމަށެވެ.

ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީން ދައްކާފައި ވަނީ ދަރިންގެ އިޖުތިމާއީ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ވާހަކަތަކެއް ކަމަށެވެ. އޭގެ ސަބަބުން އޭނާގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް ރައްކާތެރިކަން ކަށަވަރުނުވާފަދަ ކަންކަމަށް މަގުފަހިވެދާނެ ކަމަށް ސާޖިދާ ވިދާާޅުވެފައިވެ އެވެ.

ސާޖިދާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މިހާތަނަށް ރައީސް މުއިއްޒުގެ ސިޔާސީ ނިންމުންތަކާމެދު ފާޑުކިޔުންތަކާއި ވާހަކަތަކަށް އެއްވެސް ރައްދެއް ދީފައިނުވާނެ ކަމުގަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ކުދިންނާ ދިމާކޮށް ދައްކާ ވާހަކަތަކާ ގުޅިގެން، ކުދިންގެ މަންމަގެ ހައިސިއްޔަތުން އަމިއްލަ ފަރުދީގޮތުން ފިޔަވަޅުތަކެއް އަޅުއްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *