ނޫމަޑި މައްސަލައާ ގުޅުވައިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ކުރެއްވި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ބަޔާންކުރައްވައި ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި “ޕްރެސަރ ވިތު ދަ ސްޕޯކްސް” ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ތަރުޖަމާނު ވަނީ ޙުސައިން ވަހީދު ދައްކަވާ ވާހަކަތައް ސާބިތުކޮށްދިނުމަށްޓަކައި ހުވާކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރައްވައިފިނަމަ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަޙުޤީޤުކުރާނެ ކަމަށާއި، އެ ވަގުތު އޭނާގެ އަރިހުގައި ހުންނަވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެ ދުވަސްވަރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ދައުލަތަށް ގެއްލުންވާގޮތަށް ރައީސް ޑރ. މުޢިއްޒު އެއްވެސް އަމަލެއް ހިންގަވާފައި ނުވާކަމުގެ ދިރިހުރި ހެއްކަކީ ޚުދު އޭނާ ކަމަށެވެ. އަދި ރައީސަކީ ދުވަހަކު ވެސް ވައްކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވަމުން، ޙުސައިން ވަހީދުގެ އަމަލުތައް ހުންނަގޮތާ މެދު ސުވާލު އުފެއްދެވިއެވެ.

ނޫމަޑި ކުންފުންޏަށް ބަދަލުދޭންޖެހުނު މައްސަލައިގެ އަސްލަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރަށްރަށުގައި ގެދޮރު އެޅުމަށް ވެފައިވާ އެއްބަސްވުމަކާ އެ ކުންފުނިން ޚިލާފުވުމުގެ ސަބަބުން، ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ ކޮންޓްރެކްޓް ބާޠިލުކުރެއްވުމެވެ.

މި ނިންމެވުމާ ގުޅިގެން އާބިޓްރޭޝަނުގައި ދައުލަތާ ދެކޮޅަށް ދޮގު ހެކިބަސް ދެއްވިކަމަށް ބުނެ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައީސް ޑރ. މުޢިއްޒުގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލިއެވެ. އެހެންނަމަވެސް، އެ ތުހުމަތުތަކަކީ ސާބިތުނުވާ ދޮގު ދަޢުވާތަކެއްކަމަށް 2023ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

Leave a Reply