އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ އައު މަރުކަޒެއް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ޒަމާނީ ވަޞީލަތްތަކާ އެކު ތަރައްޤީކޮށްފައިވާ މި މަރުކަޒުގައި ފަސް ކިލާސްރޫމާއި، ނަމާދުކުރާނެ ޚާއްޞަ ކޮޓަރިއެއްގެ އިތުރުން ލައިބްރަރީއަކާއި އޮޑިޓޯރިއަމްއެއް ހުރެއެވެ. އަދި ޙިފްޡު ޓެސްޓު ހަދާނެ ކޮޓަރިއަކާއި މީޓިންގ ރޫމެއްގެ އިތުރުން އޮފީސް ބައެއް ވެސް މި އިމާރާތުގައި ވަނީ ޤާއިމުކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި އައު ބިނާއާ އެކު އެ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ކުލާސްތައް އިތުރުކުރެވި، ކިޔަވައިދޭ މުދައްރިސުންގެ ޢަދަދު ވެސް ގިނަވެގެންދާނެއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ފުވައްމުލަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ކުރެހުންތައް ނިންމައި، ސިޓީ ކައުންސިލްގެ ލަފާ ހޯދުމަށް މިހާރު ފޮނުވިފައިވާކަން ފާހަގަކުރައްވާފައެވެ. އެ މަރުކަޒުގެ މަސައްކަތް ނިމުމުން، ޤުރުއާނާ ބެހޭ މަރުކަޒުގެ ހުރިހާ ޚިދުމަތްތަކެއް އެތަނަށް ބަދަލުކުރެވޭނެއެވެ. އަދި މިއަދު ހުޅުވުނު އިމާރާތް ބަދަލުކުރެވިގެންދާނީ ފުވައްމުލަކުގެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް އާމްދަނީ ހޯދައިދޭ ވަޤުފު ބިނާއަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 16 މަރުކަޒެއްގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply