
ދިވެހިރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އިޤްތިޞާދީ ނަފާ ހޯދުމުގެ މަޤްޞަދުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި މުހިންމު ބިލު މިއަދު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 8 މެމްބަރުންނެވެ.
މި ބިލު ގާނޫނަކަށް ވެގެން އައުމާ އެކު، މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާބެހޭ ގާނޫނު ބާތިލުވާނެއެވެ. އައު ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަތުރުވެރިކަމާއި ސިނާޢީ ބޮޑެތި މަޝްރޫޢުތަކަށާއި ޚާއްޞަ އިޤްތިޞާދީ ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ކަނޑައަޅުއްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، މިފަދަ ބޭނުންތަކަށް ނޫން ގޮތަށް، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތައް އެކި ކަންކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ އެ ކައުންސިލަކަށެވެ. އަދި ކައުންސިލެއްގެ ބާރުގެ ދަށުގައިވާ ރަށެއް ފަތުރުވެރިކަމަށް ނުވަތަ ސިނާޢީ ކަމަކަށް ސަރުކާރުން ކަނޑައަޅައިފި ހިނދެއްގައި، އެ ރަށެއް ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ކުލި ނެގުމުގެ އައު އޮނިގަނޑެއް ވެސް މި ބިލުގައި ތަޢާރަފުކޮށްފައިވެއެވެ. އެގޮތުން، ސިނާޢީ އަދި އިޤްތިޞާދީ ބޭނުންތަކަށް ދޫކުރާ ފަޅުރަށްތަކާއި ފަޅުތަކުން އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ ނެގުމަށް ކަނޑައަޅާފައިވާއިރު، ރަށްރަށުގައި ކުރާ ދަނޑުވެރިކަމާއި މަސްވެރިކަމަށް އަކަމީޓަރަކަށް 2.50 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި އިޖުތިމާޢީ ބޭނުންތަކަށް ރަށްތަކުން އަކަމީޓަރަކަށް 2 ރުފިޔާ ނަގާއިރު، މަސްވެރިކަމަށް ދޫކުރާ ފަޅުތަކުން ނަގާނީ އަކަމީޓަރަކަށް 50 ލާރިއެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މި ބިލުގައި ހަރުކަށި ޝަރުތުތަކެއް ވަނީ ހިމަނާފައެވެ. ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން އޭގެ ސަބަބުން ތިމާވެއްޓަށާއި ކައިރީގައި މީހުން ދިރިއުޅޭ ރަށްތަކަށް ކުރާނެ އަސަރުތައް ވަޒަންކުރަން ލާޒިމުކުރެއެވެ. އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އެހެން ކަމަކަށް ބަދަލުނުކުރެވޭނެކަން ކަށަވަރުކޮށްފައިވެއެވެ. މީގެ އިތުރުން، ވަރުވާއަށް ދީފައިވާ ރަށްތައް ފިޔަވައި އެހެނިހެން ފަޅުރަށްތައް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކާ މަތިކޮށް، ކޮންމެ އަހަރަކު އެއްފަހަރު އެ މައުލޫމާތު މާލީ ވުޒާރާއާ ހިއްސާކުރަންޖެހޭނެއެވެ.
ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތައް ވެސް ވަރަށް ސާފުކޮށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށާއި އާންމު ފަޅުރަށްތަކާ ގުޅޭގޮތުން ގާނޫނާ ޚިލާފުވެއްޖެ ނަމަ 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަޅަކާ ނުވަތަ ރަށަކާ ގުޅޭގޮތުން ހިންގާ ގާނޫނާ ޚިލާފު އަމަލުތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، އެއްބަސްވުން ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ދީފައިވެއެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































