އެމްޑީޕީއަށް ދޭން ޖެހޭ ވަރަށް ވުރެވެސް ގިނަ ޖާގަ ކޮމިޓީތަކުން ދީފައިވާކަމަށާއި އެ ޕާޓީއިން އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ ރިޕޯޓު އިއްވެވި ވަގުތު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވާފައިވެއެވެ. އެ މެންބަރުންނަކީ:

  • ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު
  • ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު
  • ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ
  • މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ
  • ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް
  • އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

އެ މެންބަރުން އިހުތިޖާޖު ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤް ހުވާކުރެއްވިތާ ދެ ހަފުތާވީއިރު އެއްވެސް ކޮމިޓީއަކުން ޞާދިޤަށް އަދި ފުރުސަތުދީފައި ނުވާތީއާއި ޕިއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ބޭއަދަބީކޮށް ދިން ކޮމިޓީއެއްގައި ދިން މިންވަރަކަށް ތިބެން ޖެހޭނެ ކަމަށް ބުނި ބުނުމަކަށް ކަންބޮޑުވުން ފާޅުކުރުމަށް ކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުރޫފް ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދުދެއްވައި މެންބަރު އަޒާން ވިދާޅުވީ 20 ވަނަ މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 13 މެމްބަރުން ކަމަށާއި އެއީ މަޖިލީހުގެ 13 އިންސައްތަ ކަމަށެވެ. ކޮމިޓީތަކުގެ 13.7 އިންސައްތަ އެމްޑީޕީއަށް ދެވިފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތައް ކުރާ މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އަދި އިގްތިސޯދީ ކޮމިޓީގެ 27 އިންސައްތަ ޖާގަ އެމްޑީޕީއަށް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން މަޖިލީހުގައި ތިއްބެވި އަދަދާއި އަޅާބަލާއިރު އެ ކޮމިޓީތަކުން ދޭން ޖެހޭނީ އެންމެ ޖާގައެއް ކަމަށް ވެސް ވިދާޅުވިއެވެ.

“19 ވަނަ މަޖިލީހުގައި ޕޕމ/ޕނސގެ 8 މެމްބަރުން ތިއްބެވިއިރު އެއީ އެ މަޖިލީހުގެ 10 އިންސައްތަ. އެހެން ނަމަވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެ އޭރުގެެ އިދިކޮޅަށް ކޮމިޓީތަކުން ދީފައިވަނީ ކޮމިޓީތަކުގެ 8 އިންސައްތަ.” އަޒާން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ އެމްޑީޕީއިން މަޖިލީހުގައި އިހުތިޖާޖު ކުރަނީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

Leave a Reply