މާލޭގެ އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ ބިޔަ އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ތަރައްޤީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި ބޮޑު މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ކުންފުނިތަކަށް އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ރަޖިސްޓްރީވުމަށް ފުރުޞަތު ދީފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު އިމާރާތުގެ ބިންގާ އަޅާނީ މިހާރު އެ ބިމުގައި ހުރި ބާ އިމާރާތް ތަޅައި އެ ބިން ސާފުކުރުމަށް ފަހުގައެވެ.

ގިނަ ބޭނުންތަކެއް އެކުލެވޭ “މިކްސްޑް ޔޫސް” ކޮންސެޕްޓަށް ފަރުމާކުރާ މި ޢިމާރާތަކީ ފުލުހުންގެ އިދާރީ މަސައްކަތްތަކާއި، އޮޕަރޭޝަނަލް އަދި ސިއްޙީ ޚިދުމަތްތަކުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޖާގަތަކެއް ހިމެނޭ ގޮތަށް ބިނާކުރާ ތަނެކެވެ. މުޅި އެކު 6 ލިފްޓާ އެކު ހަދާ މި ފެސިލިޓީގެ ތިންވަނަ ބުރި މެޑިކަލް ސެންޓަރަކަށް ކަނޑައަޅާފައިވާއިރު، ހަތަރުވަނަ ފަންގިފިލާއިން ފެށިގެން ދިހަވަނަ ފަންގިފިލާއާ ހަމައަށް ބޭނުންކުރާނީ އޮފީސްތައް ހިންގުމަށެވެ.

މީގެ އިތުރުން، އެގާރަ ވަނަ ބުރިން ފެށިގެން ތޭރަވަނަ ބުރީގެ ނިޔަލަށް ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ހުންނާނެއެވެ. މިއީ އަންހެން އޮފިސަރުންނާއި މެހެމާނުންނަށް ޚާއްސަ ކޮޓަރިތަކާ އެކު ޖުމްލަ 80 އާއި 100 އާ ދެމެދުގެ އަދަދަކަށް އެނދު ހިމެނޭނެ ސަރަޙައްދެކެވެ. އިމާރާތުގެ އެންމެ މަތީ ދެ ބުރި ފަރުމާކޮށްފައި ވަނީ ތަފާތު ތަމްރީނުތަކާއި ބައްދަލުވުންތައް ބޭއްވުމަށެވެ. އެގޮތުން، ކޮންފަރެންސް ރޫމްތަކާއި، ލައިބްރަރީއެއްގެ އިތުރުން މަލްޓިޕާޕަސް ހޯލަކާއި ޓްރެއިނިންގ ހޯލެއް އަދި ހަ ކިލާސްރޫމް މި ބައިގައި ޤާއިމުކުރެވޭނެއެވެ.

ޕާކިންގ މައްސަލައަށް ލުޔެއް ހޯދުމުގެ ގޮތުން މި އިމާރާތުގެ ބޭސްމަންޓާއި ފުރަތަމަ އަދި ދެވަނަ ބުރި ވަނީ އުޅަނދުތައް ޕާކުކުރުމަށް ޚާއްސަކޮށްފައެވެ. ބޭސްމަންޓްގައި ހަތަރު ފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭއިރު، ފުރަތަމަ ބުރީގައި 17 ކާރު އަދި ދެވަނަ ބުރީގައި 261 ސައިކަލު ބޭއްވޭނެ ޖާގަ ކަށަވަރުކުރަންޖެހޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

Leave a Reply