މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ކޮމާޝަލް ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް (ޕްރައިވެޓް ސެކްޓަރަށް) ދޫކޮށްފައިވާ ލޯނުގެ މިންވަރު އަހަރުން އަހަރަށް ބަލާއިރު 15 އިންސައްތަ އިތުރުވެއްޖެއެވެ.

މިއީ އޭގެ ކުރީ މަސް ކަމަށްވާ މެއި މަހު ރެކޯޑުކުރެވުނު 14 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑަށް ލޯނު ދޫކޮށްފައި ވަނީ އިމާރާތްކުރުމުގެ ދާއިރާ (ކޮންސްޓްރަކްޝަން)، ޕާސަނަލް ލޯނު، ފަތުރުވެރިކަން އަދި ވިޔަފާރީގެ (ކޮމާސް) ދާއިރާތަކަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއަށް ދޫކުރި ލޯނުގެ މިންވަރު ވަނީ އަހަރުން އަހަރަށް ބަލާއިރު 48 އިންސައްތަ އިތުރުވެފައެވެ. ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނު އެންމެ ބޮޑަށް އިތުރުވެފައި ވަނީ “އެހެނިހެން ކޮންސްޓްރަކްޝަން” ކެޓަގަރީއާއި، ދިރިއުޅޭ ގެދޮރު އިމާރާތްކުރުމުގެ (ހައުސިން) ކެޓަގަރީން ދޫކުރި ލޯނު އިތުރުވުމުގެ ސަބަބުންނެވެ.

ބޭންކުތަކުން ދޫކުރި ޖުމްލަ ލޯނުގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން ޖުމްލަ ލޯނުގެ 32 އިންސައްތަ ހިއްސާކުރަނީ މި ދާއިރާއިންނެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނު އަހަރުން އަހަރަށް އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި އާ ރިސޯޓުތައް ތަރައްޤީކުރުމަށާއި، ގެސްޓްހައުސްތަކުގެ އިތުރުން ރިސޯޓުތައް މަރާމާތުކުރުމަށް ދޫކުރި ލޯނު އިތުރުވުމާ ގުޅިގެންނެވެ.

Leave a Reply