އިދިކޮޅު އެމްޑީޕީއަކީ މާލޭގައި އޮތް ކުނިގޮނޑު ވެސް ސާފުކޮށްނުދެވުނު ބައެއްކަމަށާއި އެ ފަދަ ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ، ހުޅުމާލެ ކުނިވެއްޖެކަމަށް ބުނެ އެމްޑީޕީން މިހާރު ވާހަކަދައްކަމުން ދިޔަ ނަމަވެސް، އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މާޒީގައި އިމާދުއްދީން ސްކޫލު ފަހަތުގައި އޮތް ކުނިގޮނޑު ފުރިގެން ގޮސް މުޅި މާލެއަށް އޭގެ އުނދަގޫ ފޯރިއިރު ވެސް، އެކަމަށް ހައްލެއް ގެނެސްދިނުމަށް އެ ޕާޓީގެ ސަރުކާރުން ނުކުޅެދުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު އެ ބޭފުޅުން ނުކުމެ އެފަދަ ވާހަކަތައް ދައްކަވަން ލަދުގަންނަންޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުންނަށް މާޒީގެ ކަންކަން އޮޅުވައިނުލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤުތިޞާދަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުންކަން ފާހަގަކުރައްވައި، ތަކެތީގެ އަގުބޮޑުވެގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އެ ފައިސާ ޗާޕުކުރީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެންކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭރު ޚަރަދުކުރާނެ ގޮތެއް ނުބަލައި ފައިސާ ޗާޕުކުރަން ހުއްދަ ދިނުމަށް ފަހު، މިއަދު އެ ވާހަކަ ދެއްކެވުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އެ ދުވަސްވަރު ވެސް ފައިސާ ޗާޕުކުރުމާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި އަޑުއުފުލީ ޕީއެންސީގެ މެންބަރުންކަން ޝިޔާމް ހަނދާންކޮށްދެއްވިއެވެ. އަދި އޭނާ ވަނީ، ފަނާކުރަނިވި ފިކުރުތަކަށް ޖާގަ ނުދީ، ސިޔާސީ ހަމަޖެހުން ޤާއިމުކޮށްދެއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ބިނާކުރުމުގެ ފިކުރާ” އެކު ކުރިއަށް ދިޔުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

Leave a Reply