ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ “ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026” ގައި ދިވެހިރާއްޖޭގެ ފަރާތުން ކީނޯޓް ތަޤުރީރު ދެއްވުމަށް ފަހު، ނައިބުރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

މި ފޯރަމުގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން މަޖުބޫރުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން ނުވަތަ ‘ކްލައިމެޓް ފައިނޭންސް’ ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތިމާވެށީގެ ސަބަބުން ހިޖުރަކުރަން ޖެހުނު ކަމުގައިވިޔަސް އެކަން ވާންޖެހޭނީ އަމިއްލަ އިޚްތިޔާރާ އެކު، ރޭވުންތެރި އަދި އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދަ ގޮތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން، މިފަދަ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެޑަޕްޓޭޝަނަށް އިންވެސްޓްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަމިއްލަ ފަސްގަނޑުގައި އަބުރުވެރިކަމާ އެކު ދިރިއުޅުމުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި ވެރިކަން ހިންގުމުގެ ހުރިހާ ގުނަވަނެއް ގުޅިގެން މަސައްކަތްކުރުމަށް ވެސް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން “ޗެމްޕިއަންސް ބްރެކްފާސްޓް” ގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ، މޫސުމީ ހިޖުރައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ. މުޅި ފޯރަމްގައި ރާއްޖޭގެ ތަޞައްވުރު ހާމަކުރައްވައި، ނާޒުކު ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މިންގަނޑެއްގައި ރާއްޖޭގެ އަޑު އިއްވަވާފައެވެ.

Leave a Reply