
ސިނގިރެޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސިނގިރެޓް ނަގަމުންދިޔަ ޓެކްސް ބޮޑުކުރީ މި ހިނގާ ވެރިކަމުގައި 2024ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެގޮތުން ކުރިން ސިނގިރެޓްއަކަށް ނަގަމުންދިޔަ 3.30ރުފިޔާއިން އަށް ރުފިޔާ އަށް އޮތީ ބޮޑުކޮށްފައެވެ. އެ ބަދަލާއެކު ގިނަ ބަޔަކު އަމިއްލައަށް އޮޅައިގެން ހަދާބިޑި ބޭނުންކުރަން ފަށާފައިވާ އިރު ވަގަށް ސިނގިރެޓް އެތެރެކުރުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އަދި ޑަބްލިއުއެޗްއޯއިން ހެދި ދިރާސާއެއްގައި ވެސް ސިނގިރެޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ލަފާދީފައި އޮތުމުން އެކަމާމެދު މަޝްވަރާތައް ކުރަމުންދާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދާދި ފަހުން އޮތީ ހާމަކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާއިން ދައްކާގޮތުން ސަރުކާރުން ސްޕޮންސާކޮށްގެން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ސިނގިރެޓުން ނަގާ ޑިއުޓީ ކުޑަކުރަން ބިލެއް ހުށަހަޅައިފައެވެ. އަދި އެ ބިލުގެ ފުރަތަމަ ކިއުން މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
މުހައްމަދު ހުށަހެޅުއްވި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ސިނގިރެޓާއި ބިޑީގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން ކޮންމެ ސްޓިކްއަކަށް ހަތަރު ރުފިޔާގެ މަގުން ޑިއުޓީ ނަގަން ވަނީ ހުށަހަޅައިފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































