ކ. މާފުށީ ފަރަށް އަރައި ފުނޑުފުނޑުވި ސަފާރީގެ ބައިތައް ނަގަން ފަށައިފިއެވެ.

ކ. މާފުށީ ބޭރުގައި އޮންނަ ޕްރިންސެސް ލާލަ ފުނޑުފުނޑުވީ މިއަދު ހެނދުނު އައި ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ގޮސް މާފުށި ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ލައްވެގެންނެވެ.

އެއާއެކު ސަފާރީގެ ބައިތައް ވަކިވެ ދިޔައީ ބަނދަރަށް ލައްގަމުންނެވެ.

މާފުށީ ކައުންސިލްގެ އިސް ބޭފުޅަކު “ދެން”އަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ކައުންސިލް ގުޅިގެން ސަފާރީގެ ބައިތައް ނަގައި ބަނދަރު ސާފުކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

މިއަދުގެ ކޮޅިގަނޑުގައި ސަފާރީއެއް ފަރަށް އެރިއިރު ކޮޅުވެއްޓިއެއްވެސް ވަނީ ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިފައެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްވެސްކޮށްފައެވެ.

Leave a Reply