
ޢަރަބިއްޔާ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި އަންނަ ދިރާސީ އަހަރު އެތަނުގައި ކިޔަވައިދޭން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫގައި ބޭއްވި ވެރިކަންކުރާ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ އެމްޑީޕީ ސަރުކާރުތަކުން ވަނީ ޢަރަބި ތަޢުލީމު ނައްތާލުމުގެ ބޭނުމުގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ރެފިއުޖީންގެ ގޮތުގައި މަގުމަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މި ސަރުކާރުގެ ބިނާކުރަނިވި ފިކުރުގެ ދަށުން އެ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމްދީން މަތިވެރިކުރުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދީނަށް ނަޞްރުދީ، ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޖަލްސާގައި ރައީސް ވަނީ ކުރީގެ ސަރުކާރުތަކުގެ ދޯދިޔާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، މީގެ ކުރިން ދިވެހި އަސްކަރިއްޔާއާ މެދު ކަންކުރެވިފައިވާ އިހާނެތި ގޮތްތައް ބަދަލުކޮށް، ސިފައިންނަކީ ޤައުމުގެ ފަޚުރުކަމުގައި ހައްދަވައި، ފުލުހުންގެ ޚިދުމަތް ވެސް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު ވެސް ކުރީގެ ސަރުކާރުތަކަށް ނޭނގޭއިރު، މި ސަރުކާރުން ފެށި ހަރުދަނާ މަސައްކަތްތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ގިނަ ޢަދަދެއްގެ ބިދޭސީން މިހާރު ޑީޕޯޓުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ މިފަދަ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދައިދީ، ޤައުމަށް ފާގަތިކަން ގެނެސްދިނުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއިން، ރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތުތަކަކީ ކޮބައިކަން މިއަދު ސާފުވަމުންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ޢަރަބިއްޔާ ސްކޫލަކީ ދިހަ ފަންގިފިލާއަށް ނިސްބަތްވާ ގޮތަށް ބިނާކުރާ މި ޒަމާނީ ސްކޫލަކީ 42 ކިލާސްރޫމާއި، ހަތަރު ލިފްޓުގެ އިތުރުން މަލްޓިޕާޕަސް ހޯލެއްވެސް ހިމެނޭގޮތަށް ތަޢުލީމީ މުއައްސަސާއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާނެ ތަނެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































