މިމަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ސަބަބުތަކާހުރެ ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންގެ މެދުގައި ނަގާ ވޯޓު، އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކައުންސިލް އިންތިހާބާއެކު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރުމުގެ އީސީގެ ރައީސް މުހައްމަދު ޒާހިދު ވަނީ ހާއްސަ ބަސްދީގަތުމެއް ދެއްވާފައެވެ.

ޒާހިދު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. ދެވަނަ ބުރުގައި ވާދަކުރަނީ ކިތައް ކެނޑިޑޭޓުންކަން ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ދާއިމީ ނަތީޖާ އާންމު ކުރާނީ މިއަދު 2:30 އިން ފެށިގެންނެވެ.

ޒާހިދު އިތުރަށް ވިދާޅުވީ މި އިންތިހާބުގައި 215،346 މީހުން ވޯޓުލާފައިވާ ކަމަށާއި، މިއީ މިހާތަނަށް ކައުންސިލް އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބެއްގައި އެންމެ ގިނަ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރި އިންތިހާބު ކަމަށެވެ.

ނިމިދިޔަ އިންތިހާބަކީ ވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔަ އިންތިހާބެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޖުމްލަ 170 ޝަކުވާ ލިބުނު ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން އީސީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަރާތަކަށްވެސް މިއަދުން ފެށިގެން 14 ދުވަސްތެރޭ ހައިކޯޓުގައި މައްސަލަ ޖެއްސުމުގެ ފުރުސަތު އޮންނާނެ ކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުގައި ދެ ޕާޓީގެ ކެނޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އެ ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެއެވެ.

Leave a Reply