
ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ދެ ބޮޑުން ކަމަށް ތުހުމަތު ކުރާ 2 މީހަކު އަލުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ޑިސެމްބަރު 2024ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައި ވަނީ އެރަށު ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި ހަމަ އެއަވަށު ކަރަންކާވިލާ، އަހުމަދު ނިއުޝާދެވެ.
އެފަހުންވެސް ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކޮށް ބަންދުކޮށްފައި ތިއްބައި މިދިޔަ އަންގާރަ ދުވަހު އެދެމީހުން ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އެމީހުން ހެއްކަށް ނުފޫޒި ފޯރުވަފާނެ ކަމަށް ބެލެވޭތީ ރޭ ވަނީ އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެމީހުން ދޫކޮށްލަން ކޯޓުން ކުރި ޝަރުތުތަކާ ހިލާފުވެފައިވާތީ އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެމީހުންގެ މައްޗަށް ދައުވާވެސް ކޮށްފައެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
އަދި އެމީހުންގެ ބޭންކް އެކައުންޓްތަކުގައި ހުރި 1.1 މިލިއަން ރުފިޔާ އާއި، އެމީހުންގެ މިލްކިއްޔާތުގައި ހުރި 4 ސައިކަލާއި 5 ކާރާއި، 2 ޕިކަޕާއި، ކަނޑު އުޅަނދެއްގެ އިތުރުން 29 ސަންކޯނާ ގުރަ އަދި 9 ރިންގްނެކް ގުރަ ދައުލަތަށް ނަގައި ދިނުމަށްވެސް ޕީޖީ އޮފީހުން ކުރި ދައުވާގައި އެދިފައިވެއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































