މަގުމަތީގެ އެކްސިޑެންޓުތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހެޅި ކަމަށާއި އަދި މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4437257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށާ މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 އިންސައްތައިގެ އިތުރުވުމެއްކަން ފަސީހު ފާހަގަކުރެއްވިއެވެ.

އެ ބަދަލުތައް ނަގައިދީފައި ވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކައި އެއްބަސްވެ އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ފަސީހު ވިދާޅުވިއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ފަސީހު ވިދާޅުވިއެވެ.

ފަސީހު އިތުރަށް ވިދާޅުވީ، ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނޫވަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުން ކުރަމުންގެންދާ ކަމަށެވެ.

ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.

Leave a Reply